އެމްބީސީ “ސަގާފީ އީދު”ގެ އެއްވަނަ ފުލިދޫ ބުލޫ ސްޓާ ހޯދައިފި

އުވެމުންދާ ސަގާފީ ކުޅިވަރުތަށް ދިރުވާ އާލާ ކުރުމުގެ މަގުސަދުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ބޭއްވި “ސަގާފީ އީދު” ގެ އެއްވަނަ، ވ. ޓީމުން ހޯދައިފި އެވެ.

ހަ އަތޮޅަކުން ނުވަ ޓީމެއް ބައިވެރިވި އެ މުބާރާތުގެ އެއްވަނަ އަށް ދިޔަ ޓީމަށް ހުށަހަޅާފައިވާ 100،000 ރުފިޔާގެ ފައިސާގެ އިނާމު ފުލިދޫ ޓީމަށް ހަވާލުކޮށްދެއްވީ މިއަދު ހަވީރު ސަލްޓަން ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.

އެއްވަނަ ވ. ފުލިދޫ ބްލޫ ސްޓާ ޓީމުން ހޯދި އިރު، މުބާރާތުގެ ދެ ވަނަ ޓީމަކަށް ހޮވިފައި ވަނީ މ. ކޮޅުފުށީ ޒުވާނުންގެ ޖަމިއްޔާގެ ލަނގިރި ގްރޫޕެވެ. އަދި މުބާރާތުގެ ތިން ހޯދާފައި ވަނީ ފެލިދޫ ޒުވާނުންގެ އެކުވެރި ދިރުމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ އެ އީދުގައި ބައިވެރިވެ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅައިދިން ފަސް ޓީމެއް ވެސް ވަނީ މުބާރާތުގެ ފަނޑިޔާރުން ހޮވި އެވެ. އެ ފަސް ޓީމުގެ ތެރޭގައި ހިމެނެނީ ވަނަތަކަށް އައި ޓީމުތަކުގެ އިތުރުން، ކެލާ ޒުވާނުންގެ ފޯރަމާއި މ. ނާލާފުށި ލަނގިރި ގްރޫޕެވެ.

މިއަދު ނިމިގެން ދިޔަ ސަގާފީ ކުޅިވަރުގެ އެންމެ ބޮޑު އީދު ހުޅުއްވައި ދެއްވުމަށް މިދިޔަ ބުރާސްފަތި ދުވަހު ސަލްޓަން ޕާކުގަިއ ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށް ސަރުކާރުގެ ފަރާތުން އެމްބީސީއާ ގުޅިގެން ސަގާފީ ބޮޑު އީދެއް ބާއްވާނެ އިއުލާނު ކުރައްވާފަ އެވެ.

ޝެއަރ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލު

ޚިޔާލު ލިޔުއްވާ
ނަން ލިޔުއްވާ