ރަމަޟާން މަހަށްޓަކައި ތިބާގެ ދަރިން ތައްޔާރު؟

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި މުސްލިމުންނަށްވެސް ރަމަޟާން މަހަކީ ވަރަށް ޚާއްޞަ މަހެކެވެ. ރަމަޟާންމަހަކީ އަހަރެމެން ހުރިހާ މުސްލިމުންވެސް އެމަހަކަށްޓަކައި އިންތިޒާރު ކުރަމުންދާ މަހެކެވެ. އެއީ ހަމައެކަނި އެމަހެއްގައި ހުރިހާ ދުވަސްތަކެއްގައި ރޯދައަށް ތިބެ ﷲ ގެ މަތިން ހަނދުމަކޮށް އަޅުކަމުގެ ފޯރި އެހެން ހުރިހާ މަސްތަކަކަށްވުރެ އިތުރުކުރާމަހެވެ. މުޅިއަހަރު ދުވަހު ހޭދަކުރި ބިޒީ ޝެޑިއުލް އަށް ބަދަލުތަކެއް ގެނެސް މީހާގެ ދުނިޔެވީ މަސައްކަތްތައް ކޮންމެވެސް ވަރަކަށް އެކަހެރިކޮށްލުމަށްފަހު އުޚުރަވީ ޙަޔާތާ މެދު ފިކުރުކޮށްލާން ލިބޭ މަހެކެވެ.

އަޅުގަނޑުމެންގެ ޢާއްމު ދިރިއުޅުން މިދެންނެވި ބީދައިން ބައްޓަންވަމުން ދިޔަނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު އަދިވެސް އަޅައިނުލެވި އިހްމާލު ވަމުންދާ އެއްބަޔަކީ އަޅުގަނޑުމެންގެ ދަރިންނެވެ. މިދެންނެވީ އެކުދިންނަށް ދޭންވާ އެހީތެރިކަމާއި، އަދާކޮށްދޭން ޖެހޭ އަސާސީ ބައެއް ޙައްޤުތަކަށް މައިންބަފައިން ސަމާލުކަން ނުދޭވާހަކައެއް ނޫނެވެ. އެހެނެއްކަމަކު އަޅުގަނޑުމެންގެ އަމިއްލަ ނަފްސު ރަމަޟާން މަހަށް ތައްޔާރު ވާ ފަދައިން އަޅުގަނޑުމެންގެ ދަރިންނަކީވެސް ރަމަޟާންމަހަށް ޓަކައި ތައްޔާރުކުރަންޖެހޭ ބައެކެވެ. އެއީ އަޅުގަނޑުމެންގެ ހިތުގެ އެއްފަޅިއެވެ. އެކުދިންގެ ފަރާތުންލިބޭ ހިތްހަމަޖެހުމަކީ އަޅުގަނޑުމެންގެ ލޮލުގެ ފިނިކަމެވެ. ސިނކުޑީގެ އަރާމެވެ.

ކުރިންވެސް ދެންނެވިހެން ރަމަޟާން މަހަށް އަޅުގަނޑުމެން ތައްޔާރުވާ ފަދައިން އަޅުގަނޑުމެންގެ ދަރިންވެސް ތައްޔާރުކުރަންޖެހެއެވެ. އަސްލް ޙަޤީޤަތަށް ބަލާއިރު އަޅުގަނޑުމެންނަށްވުރެވެސް ބޮޑަށް އެކުދިން މި ބަރަކާތްތެރި މަހަށް ތައްޔާރު ކުރުވަން އެބަޖެހެއެވެ. އެހެންނޫނީ ދުވަހަކުވެސް އަޅުގަނޑުމެން ދެކެންބޭނުންވާ ސިފަތަކެއް އެކުދިންގެ ފަރާތުން ފެނުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ރަމަޟާން މަހުގެ މާތްކަމާއި މިމަހުގެ މަތިވެރި ސަވާބު ގެ ޙަޤީޤަތް ކުދިންނަށް އޮޅުން ނުފިލާހާ ހިނދަކު ރަމަޟާން މަހުގެ ޙަޤީޤީ މަޤްޞަދު އެނގިތިބެ ޢަމަލުކުރާ ކުދިންގެ ފަރާތުން ފެންނަންޖެހޭ ސިފަތަކެއް އެކުދިންގެ ފުށުން އަޅުގަނޑުމެންނަކަށް ނުފެންނާނެއެވެ. އެއީ މާއްދީ ގޮތުންވިޔަސް އަދި ރޫޙާނީ ގޮތުން ވިޔަސްމެއެވެ.

ރަމަޟާން މަހަށް ދަރިން ތައްޔާރުކުރުމަކީ މުހިއްމު ކަމަކަށްވީ ރަމަޟާން މަހުގެ ޙަޤީޤީ ބޭނުމަކީ ކޮބައިކަން ނޭންގި އެކުދިންގެ ފުށުން ފެނިދާނެ ބަލައިގަންނަން އުނދަގޫ ޢަމަލު ތަކެއް ފެނިގެން ހިނގައިދާނެތީ އެކަންޏެއްވެސް ނޫނެވެ. އޭގެ އިތުރަށް އެކުދިން ބޮޑުވަމުން އައި އައި ހެން ދީނީ އަޅުކަންތަކަށް ހާނުވައި އެކުދިންނަށް ދީނުގެ މަތިވެރި ފަރުޟުތައް ރަގަޅަށް ދަސްކޮށްދީ ހާނުވަންޖެހެއެވެ. އެހެންކަމުން އެމަހަކަށްޓަކައި އަޅުގަނޑުމެންވެސް ދުރާލާ ތައްޔާރުވަމުން މިދާ އަޅުކަމުގެ މަހަށްޓަކައި އަޅުގަނޑުމެންގެ ލޯބިވާ ދަރިން ވެސް ދުރާލާ ތައްޔާރުކުރުމަށް ސަމާލުކަން ދެއްވާށެވެ.

ދަރިފުޅާ އެކު ވަގުތު ކޮޅެއްހޭދަކޮށްލުމަށް އެކަމަށް އެންމެ އެކަށީގެންވާ ފަސޭހަ ރަގަޅު ފުރުޞަތެއް ހޯދާށެވެ. އެފުރުޞަތުގެ ބޭނުން އެދެވޭގޮތުގައި ހިފޭތޯ ތައްޔާރުވާންވެސް ޖެހޭނެއެވެ. ދެން އެއަށްފަހު މި މަތިވެރި މާތް މަހަކީ ކޮބައިކަމާއި އެމަހުގައި ރޯދަ ފަރުޟުކުރެއްވި މާތް މަޤްޞަދު ދަރިފުޅަށް އޮޅުން ފިލުއްވައިދޭށެވެ. މި އޮޅުން ފިލުވައިދިނުމުގެ ތެރޭގައި ދުނިޔަވީ މިސާލުން މިސާލު ޖައްސަވާށެވެ. ތިބާގެ ފެމީ މެމްބަރެއް ނުވަތަ ގާތްރައްޓެއްސެއްގެ މިސާލުންވެސް މިސާލެއް ނެގިދާނެއެވެ. މިސާލަކަށް ބޮޑުބޭބެ މިގެއަށް އަންނަނީ ވަރަށް މަދުން ނޫންހެއްޔެވެ. އެކަމަކު އަންނަ ދުވަހެއްގައި ވިއްޔާ ގޭއެންމެން އުފަލުން ފޮޅުވާލައެއެވެ. އެއީ ކީއްވެގެންހެއްޔެވެ. ޖަވާބަކީ ބޭބެ ހަދިޔާ ގެނެސްދޭތީއެވެ. ކޮންމެ މީހަކަށް ވަކިވަކިން ބޭބެ ހަދިޔާ ގެނެސްދޭތީ އެވެ. ބޭބެ އަންނާނެ ދުވަހަކަށް އަހަރެމެން އިންތިޒާރު ކުރަނީ އެހެންވެގެންނެވެ. ރަމަޟާންމަހަކީވެސް އެފަދަ މަހެއްކަމަށް ދަރިފުޅަށް ވިސްނައިދޭށެވެ. އަހަރަކު އެއްފަހަރު އަންނަ ބަރަކާތާއި ، މަޣްފިރާ އަދި ދިންނެވުން ލެއްވިގެންވާ މަހެއްކަމުގައި ބުނެދޭށެވެ. އެއީ ﷲ އަހަރެމެންނަށް ދެއްވާ މަތިވެރި ހަދިޔާއެއް ކަމުގައި ބުނެ ދަރިފުޅަށް ތަޤުވާވެރިވާން އަދި ތައުބާންވާން ދަސްކޮށްދޭށެވެ. އެކުދިންގެ ވިސްނުމުގެ ފެންވަރު ހުރި މިންވަރަށް މިކަންކަން ތިލަކޮށްދޭށެވެ.

ސުވަރުގޭގެ މަތިވެރިކަމުގެ ވާހަކައާއި، އަހަރެމެން ހުރިހާއެންމެންވެސް މަސައްކަތް ކުރަމުން މިދަނީ ސުވަރުގެ ޙާޞިލް ވޭތޯ ކަމާއި ރަމަޟާން މަހަކީ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދާނެ މަހެއްކަމާއި، ނަރަކައިގެ ދޮރުތައް ބަންދުވެގެންދާނެ މަހެއްކަން ދަރިފުޅަށް އޮޅުންފިލުވައިދީ އެކަމާބެހޭ ތެދު މައުލޫމާތު ފޯރުކޮށްދޭށެވެ.

އެމައްސަރުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދު ކުރެވި، ޝައިޠާނުންތައް ކަސްތޮޅު އެޅުވޭކަން ބަޔާންކުރައްވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި މިހަދީސް ފުޅުވެސް ކިޔައިދޭށެވެ. (إِذَا دَخَلَ رَمَضَانُ فُتِحَتْ أَبْوَابُ السَّمَاءِ، وَغُلِّقَتْ أَبْوَابُ جَهَنَّمَ، وَسُلْسِلَتِ الشَّيَاطِيْنُ) މާނައަކީ: “ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުވެ، ޝައިޠާނުންތައް ކަސްތޮޅު އެޅުވިގެންދެއެވެ”.

މާތް ޞަޙާބީންނާއި އެބޭކަލުންނަށް ތަބަޢަވެވަޑައިގެންނެވި ތާބިޢީން އަދި އޭގެ ފަހުން ވަޑައިގެންނެވި ސަލަފުއްޞާލިޙުން ރަމަޟާން މަހާއިމެދު ވަރަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ބެހެއްޓެވި ކަމާއި އަދި އެމައްސަރު އަންނާތީވެ އެކަމާއި ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމާއި، ރަމަޟާންމަހާއި ބައްދަލުވުމުގެ ހެޔޮ ނަޞީބު ދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި އެބޭކަލުން ދުޢާ ކުރައްވާ ވާހަކަ ކިޔައިދޭށެވެ. އަދި ރަމަޟާން މަސް ނިމިއްޖެނަމަ، އެމައްސަރުގައި ކުރި އަޅުކަން ގަބޫލުކޮށްދެއްވުން އެދި އެބޭކަލުން ދުޢާ ކުރައްވާ ކަމާއި، އެމައްސަރުގެ ދުވާލުގެ ވަގުތު ތަކުގައި ރޯދައަށް ތިއްބަވާ އެ ރޯދަ ބާޠިލްވެދާނެ ނުވަތަ އެރޯދައަށް އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވެ ރައްކާތެރިވެލައްވާކަން ކިޔައިދީ މައުލޫމާތު ދޭށެވެ.

އޭގެ ފަހުގައި ވަރަށް އާދައިގެ އެކްޝަން ޕްލޭނެއް އެކުލަވާލެވިދާނެއެވެ. މި ޕްލޭން ނުވަތަ ޓޭބަލަކީ ދަރިފުޅުގެ ޚިޔާލާ މަޝްވަރާ ލިބިގެން ދަރިފުޅުގެ ރުހުމާއެކު އެކުލަވާލާ ޕްލޭނަކަށް ވާންޖެހޭނެއެވެ. މި އެކްޝަން ޕްލޭނަކީ ތިބާގެ ގެއަށް އަންނަ މެހްމާނަކަށް މަރުޙަބާ ކިއުމަށް ތައްޔާރުވާފަދައިން ރަމަޟާން މަހަށް ތައްޔާރުވުމަށް ރާވާލެވޭ ޕްލޭނަކަށް ހަދާށެވެ. ވަގުތު އޮއްވާ މި ފަދަ ޕްލޭނެއް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެޕްލޭންގައި ރޯދަމަސް އައުމުން ގޭގެ ކަންތަކާއި، ތިބާގެ ދަރިފުޅުގެ އާދަތައް ބަދަލު ކުރަންޖެހޭނަމަ ބަދަލު ކުރެވޭނެ ސިސްޓަމަކަށް ރާވާލާށެވެ. ކުރަންޖެހޭ ކަންތަކާއި، ދޫކޮށްލަން ޖެހޭ ކަންތައްތައް ފާހަގަކުރައްވާށެވެ. އަދި ކޮންމެކަމަކަށް ވަކިވަގުތެއް ކަނޑައަޅާ ފެށޭ ގަޑިއާއި، ނިމޭގަޑި ފާހަގަކުރައްވާށެވެ. ކޮންމެ ދުވަހެއްގެ 24 ގަޑިއިރުގެ ރީތި ،ފަސޭހަ ، އަދި ރަގަޅު ޕްލޭނެއް ހައްދަވާށެވެ.

މިގޮތުގެ މަތިން ތައްޔާރު ވެވިއްޖެނަމަ ތިބާ ފަދަ ޞާލިޙް ހެޔޮލަފާ ރަގަޅު މީހަކަށް ތިބާގެ ދަރިފުޅުވެސް ވާނެއެވެ. އިންޝާ ﷲ އެގޮތް މިންވަރު ކުރައްވާށިއެވެ. އާމީން.

ޝެއަރ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލު

ޚިޔާލު ލިޔުއްވާ
ނަން ލިޔުއްވާ