އެތެރެ ހާވިޔާވުން

މާތްﷲ ދުނިޔެ އުފައްދަވައި އެ ދުނިޔެއަކީ ޚިޔާރުކުރުމާއި، އިމްތިޙާނުކުރެވުމުގެ މައިދާން ކަމުގައި ކަނޑައެޅުއްވިއެވެ. އަދި އެދުނިޔޭގައި އިމްތިޙާނަކަށް ބޭނުންވާނެ ހުރިހާ ސިފަތަކެއް ފުރިހަމައަށް ލެއްވިއެވެ. މި ސަބަބަށްޓަކައި އަޅުގަނޑުމެންނަށް އަބަދުމެ، ދަތިކާއި ބުރަތަކުގެ ތެރޭގައި އުޅެން ޖެހެއެވެ.

(ފެށުމުގެ ގޮތުން) އަޅުގަނޑުމެންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތައް މައިގަނޑު ދެ ބަޔަކަށް ބަހައިލަމާ ހެއްޔެވެ؟

ފުރަތަމަ ބާވަތަކީ ބޭރުން ކުރިމަތިވާ ގޮންޖެހުންތަކެވެ. އެއީ އަންނަނިވި ކަންތައްތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކެވެ.

1- އިސްލާމްދީނުގެ ހިދާޔަތު ލިބިފައިނުވާ، ޒަމާނުގެ ކުރިއެރުންތަކާ ދުރު، ތަރައްޤީނުވާ ދަތި ވެއްޓެކެވެ. މިއީ ނޭދެވޭ އަސަރުތަކެއް ކުރުވާނެ ވެއްޓެކެވެ. އެހެނީ އެފަދަ ވެއްޓެއްގައި އުޅޭ މީހަކަށް ފެންނާނީ އަބަދުވެސް އަނދިރި ސޫރައެކެވެ. ހަނދާނަށް އަންނާނީ ނާކާމިޔާބުވީ ފަހަރުތަކެވެ.

2- މަސައްކަތުގެ ފުރުސަތުތައް ފުރިހަމައަށް ލިބެން ނެތުމެވެ. މިކަމުގެ ސަބަބުން ތިމާ މީހާއަށް ލިބިފައިވާ ހުރިހާ ހުނަރަކާއި ތަޖުރިބާއަކާއި ޢިލްމަކީ، ބޭނުން ނުހިފޭ ފައިސާ ފޮތްޗެއް ފަދައިން ސިފަވެއެވެ.

3- ޢާއިލާގެ ތެރޭގައި އުފެދޭ މައްސަލަތަކެވެ. މިއީ ބައްޕައިންގެ ހަރުކަށިކަމާއި މަންމައިންގެ ފަރުވާކުޑަކަމާއި، ދެމަފިރިންގެ ދޭތެރޭގައި ހިނގާ އަރާރުންވުންތަކާއި ޒުވާބުތަކެވެ.

4- ތެދުވެރިޔާ ތެދުވެރިކަންމަތީ ހުރުމަކީ އޭނާއަށް ލިބޭ އަދަބެއް ކަމުގައި ހަދައި، ފާސިދުންނަށް ހެލިފެލިވެ އުޅުން ލުއިކޮށްދޭ، ނުރައްކާތެރި، ޢާންމު އިދާރީ ފަސާދައެވެ. ނުވަތަ ކަރަޕްޝަނެވެ.

5- މީހާއާ ކުރިމަތިވާ ކޮންމެ ނިކަމެތިކަމެއްގައި އޭނާގެ ހިތްވަރު އެލުވައިލައި ނިކަމެތިކޮށްލާ މީހުން ގިނަވުމެވެ.

6- ޠަބީޢީ ގޮތެއްގައި ދިރިއުޅުމުގެ ކަންކަން ގެންދިއުމަށް ހުރަސްއަޅައި، މީހާގެ ޙަރަކާތްތެރިކަން ކަނޑުވާލާ ނުރައްކާތެރި ބަލިތަކެވެ.

މި ގޮންޖެހުންތަކަކީ ހުރިހާ ވަގުތެއްގައި، އަދި ހުރިހާ ތަނެއްގައިމެ ހުންނަ ކަންކަމެވެ. މިއީ އާދަމުގެ ދަރީން އިމްތިޙާންކުރާނެ އާލާތްތަކެކެވެ. ސާބިތުވެފައިވާ ޙަޤީޤަތަކީ މީހާގެ ޒާތުގެ ބޭރުން އުފެދިގެން އަންނަ ކޮންމެ ގޮންޖެހުމަކީ، ނުވަތަ ބޭރުގައި ހުންނަ ގޮންޖެހުންތަކަކީ ހަވާސާގައި ހުންނާނެ ކަންތައްތަކެއްކަމެވެ. އަދި، އެކަންކަން ރަނގަޅު ކަންތައްތަކެއް ކަމުގައި ހެދިދާނެއެވެ. ނަމަވެސް އެއީ، އަޅުގަނޑުމެންގެ ކިބައިގައިވާ ފޮރުވިފައިވާ ބާރުތައް ނެރެވިއްޖެނަމައެވެ. އަދި އަމާންދިނުމާ ދެކޮޅު ހަދައި މަނާވެގަތުމުގެ ރޫޙެއް އަޅުގަނޑުމެންގެ ކިބައިގައި އޮތް ނަމައެވެ. ކީރިތި ޤުރުއާނުގެ ޙިކުމަތްތެރި އާޔަތްތަކަށް ވިސްނައިފި މީހަކަށް އެގޭނެ ފަދައިން، ކުރީގެ އުންމަތްތައް ހަލާކުކޮށްލެއްވުނީ އެބައިމީހުންނަށް ލިބިފައިވާ ވެއްޓާ މުޢާމަލާތްކުރުމުގައި ނުކުޅެދުންތެރިވެގެންނެއްނޫނެވެ. ވާދަވެރިންގެ ޙަމަލާތަކާއި ޢަދާވާތްތެރިންގެ މަކަރުވެރި ރޭވުންތަކުގެ ސަބަބުންނެއްވެސް ނޫނެވެ.

އެހެންނަމަވެސް އެއީ އެބައިމީހުން ޙައްޤު މަގުން ކަސިޔާރުވީމައެވެ. އަދި އެބައިމީހުންގެ އެދުންތަކާއި ޝަހުވަތްތަކުގެ ކުރިމަތީގައި އެބައިމީހުން ބަލިވީމައެވެ.

ދެވަނަ ބާވަތުގެ ގޮންޖެހުންތަކަކީ އަންނަނިވި ކަންކަމުގެ މައްޗަށް އެކުލެވިގެންވާ ނަފްސާނީ އަދި ފިކުރީ ގޮންޖެހުންތަކެވެ. ނުވަތަ މައްސަލަތަކެވެ.

1- އަމިއްލަ ނަފްސު ނިކަމެތިކުރުމާއި، އަދި ތިމާއަށް ލިބިފައިވާ ހުނަރުތަކަކީ، އަގެއް ހުރި ކަމެއް ޙާޞިލުކުރުމުގައި ބޭނުމެއް ނުހިފޭ ކަންތައްތަކެއް ކަމުގައި ޤަބޫލުކުރުމެވެ. މިހެން މިކަން މެދުވެރިވަނީ ގޭގައި ދެވޭ ތަރުބިއްޔަތު ރަނގަޅު ނުވުމުންނާއި، މަދުރަސާގައި ދެވޭ ތަޢުލީމުގައި ހުރި އުނިކަމެއްގެ ސަބަބުންނެވެ.

2- ކާމިޔާބު ނޫން މަސައްކަތްތަކެއް ކުރެވުނީތީ، މާޔޫސްވެ ނާއުންމީދުވުމެވެ. އެތައް ފަހަރެއްގެ މަތިން ސާނަވީ އިމްތިޙާނުގައި ބައިވެރިވުމަށް އުޅެ އެކަމުގައި ނާކާމިޔާބުވާ މީހެއް ފަދައިންނެވެ.

3- ބޮޑެތި ކަންތައްތަކެއް ކުރުމަށްޓަކައި ނަގަން ޖެހޭ ހިރާސް ނުވަތަ ރިސްކު ނަގަން ނުކެރުމެވެ. ހުރި ހިސާބުގައި ނުވަތަ ފަހަތުގައި ހުރުމަށް އެދެވެނީއެވެ. މިކަމުގެ ސަބަބުން އިންސާނާ، ދިރިއުޅުމުގެ ހަވާސާއިން ބޭރުގައި ހުންނަންޖެހިދެއެވެ. އަދި މުޅިންވެސް، މީހުން ކާ ކެއުމުން ބާކީ އެތިކޮޅު ހޮވާ މީހަކަށް ބަދަލުވެއެވެ.

4- ޝަޚުޞީ ދިރިއުޅުން ރާވައި އިންތިޒާމްކުރުމަށް ބިރުގަތުމެވެ. މީސްތަކުންކުރެ 95% މީހުންގެ ޙާލަތަކީ މިއީއެވެ. އާ ގޮތެއްގައި ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭތީ ޖެހިލުންވަނީއެވެ. މި ބިރުގަތުމުގެ ސަބަބަކީ ބައެއް ކަހަލަ އެދުންތަކާއި، ބައެއް ޢާދަތައް ދޫކޮށްލައި، އެކަންކަމުން މަޙުރޫމުވާން ޖެހޭ ޖެހުމެވެ.

5- ކުށެއްކުރެވޭ ކޮންމެ ފަހަރަކު ނުވަތަ ފަރުވާކުޑަކުރެވޭ ކޮންމެ ފަހަރަކު އަމިއްލަ ނަފްސު ކުށްވެރިކުރަންވީ ވަރަށްވުރެ ބޮޑަށް ކުށްވެރިކުރުމެވެ.

ޙައްލަކީ ކޮބާ؟

ހ. އުންމަތްތަކުގު ތާރީޚުގެ ތެރެއިން، ޖަމާޢަތަތްތަކާއި ފަރުދުންގެ ތާރީޚު ބަލައި ދިރާސާކުރާ މީހަކަށް ވަރަށް މުހިއްމު ޙަޤީޤަތެއް ފެންނާނެއެވެ. އެއީ އަޅުގަނޑުމެން އިންސާނުންނާ ކުރިމަތިވެފައިވާ މައްސަލައަކީ ވަސީލަތްތަކާއި ބާރު މަދުވުމާއި ނެތުމުގެ މައްސަލައެއް ނޫނެވެ. އެހެނަސް އެ މައްސަލައަކީ ދެ ކަމެއްގެ މައްޗަށް އެކުލެވިގެންވާ މައްސަލައެކެވެ. އެއީ، ހިންމަތްތެރިކަން ބަލިވުމާއި، ރަނގަޅު ގޮތުގައި ލިބިފައިވާ ނިޢުމަތްތައް ބޭނުންނުކުރެވުމެވެ.

މާތް ﷲ ގެ ވަޖުހުފުޅު އަދައިގެން ކުރާ މަސައްކަތަކުން ވަރުގަދަ ހިތްމަތެއް ބިނާކުރެވިދާނެއެވެ. އަޅުގަނޑުމެން ދަންނަ ވަރަށް ގިނަ ބަޔަކު ވަނީ އެބައިމީހުންގެ ކިބައިގައި ހުރި ނުރަނގަޅު އާދަތައް ދޫކޮށް އިޞްލާހުވެފައެވެ. އަދި އެބައިމީހުންގެ ވަގުތުތައް ހޭދަކުރާނެ ގޮތުގެ ރަނގަޅު މަޝްރޫޢުތައް އެމީހުން އެކުލަވައިލިއެވެ. އާދައިގެ މީހުންނަށްވުރެ ދެރަ ބައެއްކަމުގައި ވުމަށް ފަހު، ވަރަށް ހަރުދަނާ ބަޔަކަށް އެމީހުން ބަދަލުވެއްޖެއެވެ. އެކީ ހަލާކުގެ ތުންފަތްމަތީގައި ވަނިކޮށް، އައު ހިންގުންތެރިކަމެއް ލިބުމުގެ ނަޞީބު މެދުވެރިވުމުގެ ސަބަބުން، ކާމިޔާބު އަދި ފައިދާ ލިބޭ މުއައްސަސާތަކެއްކަމުގައިވި އެތައް މުއައްސަސާއެއް އަޅުގަނޑުމެންނަށް އެނގެއެވެ. އެހެންކަމުން ރަނގަޅު ކުރުމުގެ މަގު ވަނީ ހުޅުވާލެވިފައެވެ. އެހެންނަމަވެސް ބަދަލެއް ނެތި އެއްވެސް ކަމެއް ނުވާނެއެވެ.

ށ. އަހަރެމެންނަށް މާޔޫސްކަމާއި ނާއުއްމީދު އިޙުސާސްކުރެވޭ ހިނދުގައި މާތްﷲ އާ މެދުގައި އޮންނަ ގުޅުން އާކުރަމާ ބަހީއެވެ. އެގުޅުން ރަނގަޅުކުރުމުގެ ގޮތުން އެކަލާނގެއާ ކުއްތަން ކުރުވަނިވި ޢަމަލުތަކާއި ހެޔޮކަންކަން ކުރުން ގިނަކުރާނީއެވެ. އަދި އެކަލާނގެއާ މެދު ހެޔޮކޮށް ވިސްނައި، އެކަލާނގެއަށް އެންމެހައި ކަމެއް ދޫކޮށްލާނީއެވެ. އެހެނީ ރޫޙާނީ ބަނގުރޫޓުވުމަކީ އެކަމުގެ ސަބަބުން މުސްލިމާ އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވައްޓާލާ ކަމެއްކަން ސާބިތުވެފައި ވެއެވެ. އަދި އެކަމުގެ ސަބަބުން އޭނާއަށް ނުކުޅެދުންތެރިކަމުގެ އިޙުސާސްކުރުވައެވެ.

ނ. އަޅުގަނޑުމެންކުރެ ކޮންމެ މީހަކުވެސް ޔަޤީންކުރަންވީ ކޮންމެ މީހަކަށްވެސް ކުރިއަށް ގޮސް ކުރާ ކަންކަން އިތުރަށް ރަނގަޅުކުރުމުގެ ފުރުސަތު އެބަ އޮތް ކަމެވެ. އެންމެ ދަތި އުނދަގޫ ޙާލަތްތަކުގައި ވީ ނަމަވަސްމެއެވެ. ކަންކަން ރަނގަޅުކުރުމުގެ ކުޅަދާނަކަން އަޅުގަނޑުމެން ކިބައިގައި އެބަ އޮތެވެ. އެހެންނަމަވެސް އެއީ ކަމެއް ނުވަތަ އެއްޗެއް ނެތުމަށްވުރެ، ކަމެއް ނުވަތަ އެއްޗެއް އޮތުން ރަނގަޅުކަމާއި، ކޮންމެވެސް ދޮރެއް ހުޅުވުމަކާނުލައި އެއްވެސް ދޮރެއް ބަންދުނުވާނެކަން ޔަޤީންކޮށް ޤަބޫލުކުރުމުގެ ޝަރުޠު ފުރިހަމަކުރީމައެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ކިބައިގައިވާ ތަރުބަވީ އަދި ސަޤާފީ އުނިކަމުގެ ސަބަބުން ބަންދުވީ ދޮރާ މެދުގައި މަޝްޣޫލުވެވި، ހުޅުވުނު ދޮރު ނުވެސް ފެނި ހިނގައިދެއެވެ.

ރ. އެކަކީވެސް ބަލިކަށި މީހެއް ނޫނެވެ. އެހެންނަމަވެސް އެ މީހެއްގެ ބާރުގެ ނުކުތާތައް ނޭނގޭ މީހަކު ހުރެދާނެއެވެ. މިއީ ފޮރުވުމެން ނެތް ޙަޤީޤަތެކެވެ. އަޅުގަނޑުމެން ތެރެއިން ކޮންމެ މީހެއްގެ މައްޗަށް ލާޒިމުވެގެންވަނީ އެމީހެއްގެ ކިބައިގައި ހުރި ވަރުގަދަ ނުކުތާތައް ދެނެގަނެ، އެނުކުތާތައް އިތުރަށް ބާރުގަދަކޮށް ކުރިއެރުވުމެވެ. އެކަންކަމަށް އަހަންމިއްޔަތުކަން ދިނުމާއި، އެކަންކަމުން ފައިދާ ލިބިގަތުމަށް މަސައްކަތްކުރުމެވެ. އެހައިރުން އޭނާގެ ޙާލަތަށް ހައިރާންކުރުވަނިވި ކުރިއެރުމެއް އަންނަ ތަން ފެންނާނެއެވެ.

ބ. އިންސާނާއަކީ އޭނާގެ ފިކުރުތަކުގެ ނަތީޖާއެކެވެ. އޭނާގެ ތަޞައްވުރުތައް ތަނަވަސްވީ މިންވަރަކަށް، އޭނާގެ ފިކުރުތައް ފުރިހަމަވެ، ކަވިވެގެން އައުދެއެވެ. އަދި އެ ކަމުގެ ސަބަބުން ތަނަވަސް ގޮތެއްގައި ކަންކަން ރަނގަޅުކުރުމަށް މަގު ފަހިވެއެވެ. އަދި ތިމާއަކީ ބަލިކަށި، ނުކުޅެދުންތެރި މީހެއްކަމުގައި، އަދި ކުރިމަތީގައިވަނީ ދަތިކަމާއި އުދަގުލާއި ތޮއްޖެހުންކަމުގައި ޤަބޫލުކޮށްފި ނަމަ، ދިރިއުޅުމުގައި ކާމިޔާބު ހޯދުމަށް ނުކުޅެދެއެވެ. މިކަމުގެ ސަބަބުން އޭނާއަށް ކުރެވޭނެ ކަމެއް ނެތްކަމަށާއި، ހަތަރު އުދަރެސް ފެނުޖެހިފައިވާކަމުގައި އިޙުސާސްކުރެވެއެވެ.

ޅ. ކޮންމެ މީހެއްގެ މައްޗަށްވެސް ލާޒިމުވެގެންވަނީ އަހިވަކަކާ ޖެހި އަހިވަކެއް ފާވާނެކަމާ މެދު، ސަމާލުވުމެވެ. އަޅުގަނޑުމެންގެ މައްޗަށް އޮތީ މާޔޫސްކަމާއި ނާއުންމީދު އުފައްދާ މީހުންނާއި އަލިކަމެއް ނެތް ތަޞައްވުރުތައް ވެރިކުރުމަށް މަސައްކަތްކުރާ މީހުންނާ ދުރުވުމެވެ. އަދި ކާމިޔާބު މީހުންގެ ދުނިޔެއަށް ވަންނެމެވެ، އެއީ އެމީހުން ކިބައިން ނަފާ ލިބިގަތުމަށެވެ. އެމީހުންގެ ކާމިޔާބީގެ ސިއްރުތައް ރަނގަޅަށް ދަނެ ގަތުމަށެވެ. އިހުގައި އަދި ފަހުގައިވެސް، ހުރިހާ ކަމެއްގައި އެންމެ މަތީ ބާރު ލިބިވޮޑިގެންވަނީ ކަށަކުޅަދުންވަންތަ މާތް ﷲ އަށެވެ.

 

މަސްދަރު: ތަރަހަ – ތަހުޒީބާއި ރަށްވެހިކަމުގެ ޙަރަކާތް

ޝެއަރ ކުރައްވާ