ޖޭއެސްސީއަށް މޫސާ ނިޒާރުގެ ނަން

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާ މެމްބަރުގެ މަޤަމަށް، އިދިކޮޅު ކޯލިޝަނުން ހަތަރު ބޭފުޅެއްގެ ނަން ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕަށް ހުށަހަޅަން ނިންމިއިރު އެއިގެ ތެރޭގައި ކެޔޮދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ މޫސާ ނިޒާރުގެ ނަން ހިމެނިއްޖެއެވެ.

މޫސާ ނިޒާރުގެ އިތުރުން ދެން ހިމެނެނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިނާއި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.

އެ ހަތަރު ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހުށަހަޅާނެ ނަމެއް، އިދިކޮޅު ކޯލިޝަންގެ ޕާލަމެންޓްރީ ގުރޫޕުގެ މިރޭގެ ބައްދަލުވުމުގައި ކަނޑައަޅަން ކުރިން އޮތީ ނިންމައިފަ އެވެ. އެކަމަކު، އެކަން މިހާރު ވަނީ މާދަމާގެ ވަގުތަކަށް ފަސްކޮށްފަ އެވެ.

ޖޭއެސްސީގެ މެމްބަރުކަމުން ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޒާ ވަކިކުރީ އޭނާގެ އިތުބާރު ނެތްކަމަށް ބުނެ، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވުމުންނެވެ. އިދިކޮޅު ކޯލިޝަންގެ މެމްބަރުންގެ ވޯޓުން ރިޒާ ވަކި ކުރިއިރު، އޭނާ ވިދާޅުވަމުން ގެންދެވީ އޭނާ ޖޭއެސްސީގައި މަސައްކަތް ކުރެއްވީ އަމާނާތްތެރިކަމާ އެކު ކަމަށެވެ.

ޝެއަރ ކުރައްވާ