ހުޅިދޫ އިން ރުއްގަސް ނެގި މައްސަލައެއް ފެންމަތިވެއްޖެ

ވ. އަތޮޅުގައި ދަނޑުވެރި ކަމަށް ދޫކޮށްފައިވާ ހުޅިދޫ އިން ރުއްގަސް ނެގި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ވ. ތިނަދޫ ކައުންސިލުން ބުނީ އެރަށާއި ކައިރީގައިވާ ހުޅިދޫ ނަމަކަށް ކިޔާ ފަޅު ރަށުން ގިނަ އަދަދެއްގެ ރުއް އުފުއްޔަކަށް އަރުވައިގެން ގެންދާތަން ފެނުމުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ކައުންސިލަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ވ. އަތޮޅުގައި ތިބޭ ފުލުހުން ބުނީ ތިނަދޫ ކައުންސިލުން އެ މައްސަލަ ހުށަހެޅުުމުން މިއަދު އެ ދެރަށް ވެސް ބޭރުން ބަލާފައިވާ ކަމަށާއި އެފަދަ ކަމެއް މިއަދު ކުރިކަން ފާހަގަވެފައި ނުވާ ކަަމަށެވެ.

ރާއްޖޭގެ ފަޅުރަށްތަކާއި މީހުން އުޅޭ ރަށްތަކުން ވެސް ގިނަ އަދަދެއްގެ ރުއް ނަގައިގެން ރިސޯޓްތަކަށް ގެންދާ މައްސަލަ ފަހަކަށް އައިސް ވަނީ ބޮޑުވެފަ އެވެ. ރާއްޖޭން ބޭރަށް ރުއް ގެންދިއުމުގެ މައްސަލައެއް ވެސް ކުރިން ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް މިދިޔަ ނޮވެމްބަރުމަހުގެ ފަހުކޮޅު ކަސްޓަމްސް އިން ބުނީ ރާއްޖޭން ރުއްގަސް ނަގައިގެން ރާއްޖޭން ބޭރަށް ގެންދަން އެއްވެސް ފަރާތަކަށް ހުއްދަ ދީފައި ނުވާނެ ކަމަށާއި އެފަދަ ކަމެއް ކުރަން އުޅޭކަން ސަމާލުކަމަށް އައުމާ އެކު އެކަން ހުއްޓުވާފައިވާ ކަމަށެވެ.

ގަވާއިދާ ޚިލާފަށް ރުއްގަސްތައް އެކި ރަށްރަށުން ނަގައިގެން ރިސޯޓުތަކަށް ގެންދާތީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވެސް ފުލުހުންނާ ގުޅިގެން އެ މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.

ޝެއަރ ކުރައްވާ